mihaaru.com

Neydhen Vakivaakah September 27 gai release kurany

  • ️@Mihaarunews
  • ️Thu Apr 20 2017

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، މުހައްމަދު އަބޫބަކުރު (މާއެބޫ) ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް "ނޭދެން ވަކިވާކަށް" އަންނަ ސެޕްޓެމްބަރު މަހުގެ 27 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.

އއ. ތޮއްޑޫގައި ބޮޑު ބައެއް ޝޫޓްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުގައި އުޅެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން ފިލްމަކުން އަލަށް ފެންނަ ފެހުންތެރިޔާ/ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އެވެ.

މާލެ އާއި ހުޅުމާލޭގައި ވެސް މަންޒަރުތަކެއް ނަގާފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަހުމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ސައީދު، އާރިފާ އިބްރާހީމް، އަލީ ޝާހިދު (ސްޓެޕް އައްޔަ) އަދި އިބްރާހީމް ރިޔާޒް (ރިޔާ) ހިމެނެ އެވެ.

މާއެބޫ ބުނީ މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ލޯބީގެ ހާދިސާތަކެއް ފެނިގެން ދާނެ ފިލްމެއް ކަމަށެވެ. ފިލްމުގެ ޝޫޓިން އެއްކޮށް ނިމި، މިހާރު ކުރަމުން އަންނަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތެވެ.

"ނޭދެން ވަކިވާކަށް" ގެ ޕޯސްޓަރެއްގައި ޖާދު އާއި އަޒޫ.

"މީގެ އެންމެ ބޮޑު އެއް ހައިލައިޓަކަށް ވާނެ ޖާދު. ފުރަތަމަ ފިލްމާ ބަލާފައި އޭނަ އެބަހުރި ވަރަށް ވަރުގަދަ އެކްޓިންއެއް ދައްކައި ދީފައި. އަހަރެން ބުނާނީ އޭނައަކީ މިދާއިރާގެ ކުރިމަގު އޮތް އެކްޓަރަކަށް ވާނޭ. ހަމަ ހަގީގަތުގައި ވެސް ވަރަށް ފުރިހަމަ ޖާދުގެ އެކްޓިން،" އޭނާ ބުންޏެވެ. "ހަމައެއާ އެކު ޔޫއްޕެ އާއި އަޒޫގެ ވަރަށް ތަފާތު ރޯލްތަކެއް ފެނިގެން ދާނެ ފިލްމުން."

މިހާރު ޑަބް ކުރަމުން އަންނަ ފިލްމުގެ މަސައްކަތް ކުރެވިފައި އޮތް ގޮތާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރި ކަމަށް މާއެނބޫ ބުންޏެވެ.

"ވަރަށް ފަރުވާ ބަހައްޓައިގެން، ވަގުތު ދީގެން މީގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް މި ކުރަނީ،" ޑައިރެކްޓް ކުރި 11 ވަނަ ފީޗާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

"ނޭދެން ވަކިވާކަށް" ގެ މަންޒަރެއް.

"އެންމެ ބޮޑު ހިތްހަޖެހުމަކީ މަހުދީގެ ސްކްރީންޕްލޭގައި ބުނެފައިވާ ގޮތަށް މަންޒަރުތައް ގެނެސް ދެވިފައި ހުރީމަ،" އޭނާ ބުންޏެވެ. "ތޮއްޑޫގައި ފިލްމުގެ ބޮޑު ބައި ނެގި އިރު، އެ ރަށުގެ ވަރަށް ގާތް ބައެއްގެ ފަރާތުން އަހަރެމެންގެ ޓީމަށް ވަރަށް ބޮޑު ސަޕޯޓެއް ލިބުނު. އެހެންވެ އެހާ ފުރިހަމަކޮށް މަސައްކަތް އެކޮޅުގައި ވެސް ނިންމާލެވުނީ. އާއިލާއެއްގެ ގޮތުގައި މިހާރު އަހަރެމެން ދެކޭ ތޮއްޑޫގެ އެ ޓީމަށް ވަރަށް ޝުކުރު އަދާ ކުރަން."

އައްޔުމަން ޝަރީފް ބެކް މިއުޒިކް ހަދާ މި ފިލްމުގައި ހަތަރު ލަވަ ހިމެނޭނެ އެވެ. މި ފިލްމް ކެމެރާކޮށްފައި ވަނީ އިބްރާހީމް ވިސާން (ކަނޑި) އެވެ.

"ނޭދެން ވަކިވާކަށް" ގެ މަންޒަރެއް.

މާއެނބޫ ބުނީ ފިލްމްގެ ޕޯސްޓަރާއި ޓްރެއިލާ ލޯންޗް ކުރާނީ، ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ނިމުމުން ކަމަށެވެ.

"އަދި ފުދޭ ވަރަކަށް ދުވަސް އެބަ އޮތް ކަންނޭނގޭ މީގެ ޕްރޮމޯޝަނަލް މަސައްކަތައް ދާން. މިހާރު ހުރިހާ ފޯކަސްއެއް އޮތީ ފިލްމް ވީހާ ވެސް ފުރިހަމަކޮށް ނިންމަން،" 2015 ގައި "ރަންދަރި" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

ސެޕްޓެމްބަރު 27 ގައި "ނޭދެން ވަކިވާކަށް" ރިލީޒް ކުރާ އިރު، އަބްދުލް ފައްތާހުގެ "ހައްދު" އެ މަހުގެ ހައެއްގައި ރިލީޒް ކުރާނެ އެވެ.