Dhevansoora: Yuppege suspence thriller eh
- ️@Mihaarunews
- ️Sat Oct 21 2017
ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އަނެއްކާ ވެސް ވަރުގަދަ ފިލްމެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ނޯޓީ 40 (2017) އާއި ބައިވެރިޔާ (2015) އަކީ އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ދެ ކޮމެޑީ އެވެ.
އެކަމަކު ޔޫއްޕެ މި ފަހަރު ގެނެސް ދޭން އުޅެނީ ސީރިއަސްކަން އޭގެ އިންތިހާ އަށް ދައްކުވައި ދޭނެ "ދެވަންސޫރަ" އެވެ. މިއީ މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތް ކިޔައިދޭ ސަސްޕެންސް ތުރިލާއެކެވެ.
ޔޫއްޕެ ލިޔެ، ޑައިރެކްޓް ކުރާ ފިލްމްގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މީގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ). މުހައްމަދު ފައިސަލް އަދި އަހުމަދު ސައީދު އަދި އިބްރާހީމް ޖިހާދު (ޖިމީ) ފަދަ އެކްޓަރުން ހިމެނެ އެވެ.
"ދެވަންސޫރަ" ގެ ޕޯސްޓަރެއް: މިއީ ސަސްޕެންސް ތުރިލާއެއް.
"ދެވަންސޫރަ" އަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި އެންވިޝަން އެންޓަޓައިންމަންޓް އަދި ގްރީން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފިލްމް ސިނަމާ އަށް އަންނާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
ޔޫއްޕެ ބުނި ގޮތުގައި "ދެވަންސޫރަ" ރަސްމީކޮށް މި ހަފުތާގެ ތެރޭގައި ލޯންޗް ކުރާނެ އެވެ.
މި ފަހުން ޔޫއްޕެ ކޮމެޑީ ފިލްމްތަކެއް ގެނެސް ދިން ނަމަވެސް، އޭނާ ވަނީ މީގެ ކުރިން ވެސް ސީރިއަސް ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ "ލޯތްބަށްޓަކާ" އެވެ.
"ދެވަންސޫރަ" އަކީ ބެލުންތެރިން ހައިރާންކޮށްލާނެ ފަދަ ފިލްމެއް ކަމަށް މީގެ ޓީމުން ބުނާ އިރު، ފިލްމްގެ ޓެގް ލައިނަކީ "ދަ ޓްވިސްޓެޑް ލަވް ސްޓޯރީ" އެވެ.