"Siyaasee Kankamakee Filmee Dhaairaa Ah Oi Gonjehumeh"
- ️@VaguthuOnline
- ️Mon Jun 22 2015
"ހިތްއެދެނީ" އިން ބެލުންތެރިންގެ ހިތްތައް ދަމައިގަނެ އެތައް ޖިންސުއްލަތީފުންގެ ހިތްތައް ކަތިލި އަލީ ސީޒަން (ސީޒަން) އަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ މަގުބޫލް އެއް މޫނެވެ. ހުނަރުވެރި އެކްޓަރެކެވެ. އެކްޓްކުރުމުގެ އިތުރުން ޑައިރެކްޓްކޮށް ފިލްމް ޕްރޮޑިއުސް ވެސް ކުރާ ފަރާތެކެވެ. ސީޒަން ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއްވެފައިވާއިރު ސީޒަން ވަނީ އެތައް ކާމިޔާބީތަކެއްވެސް ހާސިލުކޮށްފައެވެ.
"ފުރަތަމަ ފުރުސަތު ލިބުނީ 200 ވަނަ ހޭޔަންބޯ ޝޯވއިން"
ސީޒަން ތައުލީމް ހާސިލުކޮށްފައިވަނީ މަޖީދިއްޔާ ސްކޫލުންނާއި އަމީރު އަހުމަދު ސްކޫލުންނެވެ. މިހާރު ދިވެހި ފިލްމް އިންޑަސްޓްރީގައި ފިޔަ ޖަހަމުން ދިޔަ ނަމަވެސް ސީޒަން އަކީ ސްކޫލް ދައުރުގައި ލަވަކިޔުމާއި، ޑްރާމާ ކުޅުން ފަދަ ކަންކަމުގައި ބައިވެރިވެ އުޅުނު ކުއްޖެއް ނޫނެވެ. ނަމަވެސް ސީޒަން ވަނީ ސްކައުޓް އަދި ކެޑޭޓް ހަރަކާތްތަކުގައި ބައިވެރިވެފައެވެ.
ސީޒަންގެ މަންޒަރެއް ފުރަތަމަ ބެލުންތެރިންނަށް ފެނިގެން ގޮސްފައިވަނީ 1998 ވަނަ އަހަރު 200 ވަނަ ހޭޔަންބޯ ޝޯވއިންނެވެ. ސީޒަން ފިލްމީ ދާއިރާއަށް ނެރުމަށް އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވަނީ ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ނާޒިމާއެވެ. ސީޒަން ބުނާގޮތުން ނާޒިމާ އަކީ ސީޒަންގެ ދޮންތަގެ ކުލާސް މޭޓެއް ކަމަށެވެ. ހޭޔަންބޯ ޝޯވއިން ވެސް ފުރުސަތު ހޯދައިދިނީ ނާޒިމާ ކަމަށް ސީޒަން ބުންޏެވެ.
ސީޒަން ދެން ކުޅުނީ ހަންނާނުގެ ލަވައެކެވެ. މީގެއިތުރުން 1997 ގައި ސީޒަން ކެމެރާގެ ފުރަގަހުގައިވެސް މަސައްކަތް ކޮށްފައިވެއެވެ. ސީޒަން އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ ސްލޭމްސް ސްޓޫޑިޔޯގެ "އެކަނިވެރިޔާ" އެވެ. ނަމަވެސް އެ ފިލްމަށްވުރެ ކުރިން ސީޒަންގެ "2000ވަނަ އުފަންދުވަސް" ރިލީޒް ކުރެވުނެވެ. އެ ފިލްމްގައި ސީޒަން އަދާކުރީ ސަޕޯޓިން އެކްޓަރެއްގެ ރޯލެވެ. އެއީ 2000 ވަނަ އަހަރުއެވެ.
ސީޒަން ބެލުންތެރިންގެ މެދުގައި މަގުބޫލުވީ "ހިތްއެދެނީ" އަށްފަހުގައެވެ.
"ރީކޯ މޫސަ ބޮޑު ބޭބެއަށްވުން އެއީ ފިލްމީ ދާއިރާއަށް ޝައުގުވެރިވި ސަބަބެއް"
ސީޒަން ފިލްމީ ދާއިރާއަށް ޝައުވެރިވި ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އޭގެތެރެއިން އެއް ސަބަބަކީ ކުރީގެ މަޝްހޫރު ބަތަލް ރީކޯ މޫސާ މަނިކު ބޮޑު ބޭބެއަށް ވުމެވެ. ސީޒަންގެ ބައްޕައަކީވެސް މުނިފޫހިފިލުވުމުގެ ކަންކަމުގައި ހަރަކާތްތެރިވެ އުޅުނު ފަރާތެކެވެ. ހާއްސަކޮށް ސްޓޭޖް ޝޯވތައް ހިންގުމަކީ ސީޒަން ބައްޕަ ކޮށް އުޅުނު ކަންކަމެވެ.
ގޭތެރޭގައި މަޖަލަށްވެސް ވީޑިޔޯ ހަދާ އުޅުނު ސީޒަން ބުނީ އޭރުވެސް ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް ނުވިސްނާ ކަމަށެވެ. ނަމަވެސް އެކަމަށް ޝައުގު ހުންނަ ކަމަށެވެ.
ސީޒަން މި ދާއިރާއިން ކުރިއަށް ދިއުމަށް ނިންމީ ފީރޯޒް މޮހޮދީގެ "މާޒީ" މި ފިލްމްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރުއެވެ. އެއީ ސީޒަން ބެލުންތެރިންނަށް ފެނުމުގެ ކުރިއެވެ.
"ދާއިރާގައި 16 އަހަރު"
ސީޒަން މި ދާއިރާގައި ހަރަކާތްތެރިވާތާ މިހާރު މިވަނީ 16 އަހަރުވެފައެވެ. ގައިމުވެސް ގިނަ ތަޖުރިބާތަކެއް ކުރެވިފައި ހުންނާނެއެވެ. ސީޒަން ބުނީ ފާއިތުވެދިޔަ 16 އަހަރުތެރޭ މި ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެގޮތުން ސިޔާސީ ޕާޓީތަކާއެކު ރާއްޖޭގެ ގިނަ ކަންކަމަށް ބޮޑެތި ބަދަލުތައް އައި ފަދައިން ފިލްމީ ދާއިރާއަށްވެސް ބަދަލެއް އައިސްފައިވާ ކަމަށެވެ.
އޭނާ މި ދާއިރާއަށް ނިކުތްއިރު ރާއްޖޭގައި ސިޔާސީ ހިޔާލު ތަފާތުވުންތަކާއި ސިޔާސީ ފިކުރުތައް ނެތް ނަމަވެސް މި 16 އަހަރުތެރޭ މިވަނީ މިކަމަށް ބޮޑު ބަދަލެއް އައިސްފައެވެ. ސީޒަން ބުނާގޮތުން މިއީ ފިލްމީ ދާއިރާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
ސީޒަން ފާހަގަ ކުރި ގޮތުގައި ކުރިއާ އަޅާ ބަލާއިރު މި ދާއިރާގައި ހުރި މަސައްކަތްތަކުގެ ރޭޓް މިހާރު ވަނީ ދަށްވެފައެވެ. އޭރު އެއް ލޮކޭޝަނެއްގައި ދެ ލަވަ ވެސް ކުޅުނު ކަމަށާއި އޭރު މަސައްކަތް ކުރަމުންދިޔައީ ވަރަށް ބިޒީކޮށް ކަމަށްވެސް އޭނާ ބުންޏެވެ.
އޯޑިޔޯ އަލްބަމާއި ވީޑިޔޯ ސީޑީގެ ވިޔަފާރި ގޮސްފައިވާއިރު ކުރު ފިލްމްގެ ވިޔަފާރިވެސް މިހާރު ނެތް ކަމަށް ސީޒަން ބުނެއެވެ. މިހާރު މި ދާއިރާގައި މަސައްކަތަކަށް އޮތީ ސްކްރީން ފިލްމް އެކަނި ކަމަށާއި ފިލްމް ޕްރޮޑިއުސްކުރާ ފަރާތްތައްވެސް ކުރިއާ އަޅާ ބަލާއިރު މިހާރު މަދުވެފައިވާ ކަމަށް ސީޒަން ބުންޏެވެ. ސީޒަން ގަބޫލުކުރާ ގޮތުގައި ޕްރޮޑިއުސްކުރާ ފަރާތްތައް މަދުވެގެން ގޮސްފައިވަނީ އިންވެސްޓްކުރަންޖެހޭ މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.
އުފެއްދުންތައް މަދުވެފައިވީ ނަމަވެސް އުފެއްދުންތަކުގެ ފެންވަރު މިހާރު ރަނގަޅުކަން ސީޒަން ގަބޫލުކުރެއެވެ. ކުރިއަށް އޮތް ދުވަސްތަކަކީ ފިލްމީ ދާއިރާއަށް ކާމިޔާބު ދުވަސްތަކަށްވުމަށް ސީޒަން އުއްމީދުކުރާއިރު ވިޔަފާރީގެ އުސޫލްތައް މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށް ސީޒަން ބުނެއެވެ.
"އިންސާނާ އަކީ ވަކި މަގުސަދެއްގަ ވަކި ޓާގެޓެއް ހާސިލުކުރުމަށް ހެދި ފިލްމެއް"
ދިވެހި ގިނަ އަންހެން ކަނބަލުންގެ ހިތްތައް ކަތިލާފައިވާ ސީޒަން މިހާތަނަށް ގިނަ ފިލްމްތަކެއް ކުޅެފައިވާއިރު އަދިވެސް "ހިތްއެދެނީ" އަކީ ސީޒަންގެ އެންމެ ހިންހަމަޖެހޭ ފިލްމްތަކުގެ ތެރެއިން އެއް ފިލްމެވެ. މީގެއިތުރުން ސީޒަން ކުޅުނު ފިލްމުތަކުގެ ތެރެއިން އޭނާ އެންމެ ހިތްހަމަޖެހޭ ފިލްމުތަކުގެ ލިސްޓުގެ ދެވަނައިގައި އޮތީ ނަހުލާގެ "ޒުލޭހާ" އެވެ.
ސީޒަންގެ "އިންސާނާ" އަކީ ސީޒަން މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމް ކަމަށް އޭނާ ގަބޫލުކުރެއެވެ. ސީޒަން ބުނީ "އިންސާނާ" އުފެއްދި މަގުސަދު ވަނީ ހާސިލުވެފައި ކަމަށާއި އެކްޓިންއިން ވަނައެއް ނުލިބުނު ނަމަވެސް ފިލްމަށް ސާކް ފިލްމް ފެސްޓިވަލްގައި ބްރޯންޒް މެޑަލް ލިބުމަކީ ކާމިޔާބީއެއް ކަމަށް ސީޒަން ގަބޫލު ކުރެއެވެ.
"ނިއުމާ އަދި ޔޫއްޕެ އެންމެ މޮޅީ"
މަޝްހޫރު ފިލްމީ ތަރި ސީޒަން ކިޔައިދިން ގޮތުގައި އެކްޓިނަކީ ކުރިމަތީ ހުންނަ މީހާ މޮޅަށް ދެއްކި ވަރަކަށް މޮޅުވާ އެއްޗެކެވެ. އެގޮތުން މޮޅު މީހުންނާއެކު މަސައްކަތް ކުރަން ސީޒަން އަށް ފަސޭހައެވެ. ސީޒަންނަށް މި ދާއިރާއިން އެންމެ މޮޅު ކަމަށް ފާހަގަ ކުރެވޭ ތަރިންނަކީ ނިއުމާ އަދި ޔޫއްޕެއެވެ.
"ކާމިޔާބީތައް"
ސީޒަން "ހިތްއެދެނީ"ގައި ދައްކުވައިދިން ކުޅަދާނަ އެކްޓިންނަށް އޭނާއަށް ވަނީ ނޭޝަނަލް އެވޯޑްސްގެ ބެސްޓް އެކްޓަރގެ އެވޯޑް ލިބިފައެވެ. އަދި ސީޒަން "ޒުލޭހާ"ގައި ދައްކުވައިދިން އެކްޓިންނަށް އޭނާއަށް ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑް ލިބިފައިވާއިރު "ހަލާސް" މި ފިލްމުން ސީޒަންއަށް ބެސްޓް ކޮރެއޮގްރަފީގެ އެވޯޑް ލިބިފައިވެއެވެ.
އޭނާއަށް ލިބުނު ކާމިޔާބީތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއަކީ މިއަހަރު ސާކް ފިލްސް ފެސްޓިވަލްގައި "އިންސާނާ" އަށް ބްރޯންޒް މެޑަލް ލިބިގެން ދިއުމެވެ.
އަދިވެސް ސީޒަން ދަނީ އިތުރު އެވޯޑްތަކަށް އުއްމީދު ކުރަމުންނެވެ. އެގޮތުން "އިންސާނާ"އަށް ނޭޝަނަލް އެވޯޑް އަދި އެމްއެފްއޭ އެވޯޑްގައިވެސް ކާމިޔާބީތަކެއް ލިބުމަކީ ސީޒަންގެ އުއްމީދެވެ.
ސީޒަން މިހާރު ދަނީ 1.5 މިލިއަނުގެ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. މިއީ ސީޒަންގެ ވަރަށް ބޮޑު އުއްމީދެއް އެކުލެވިގެންވާ ޕްރޮޖެކްޓެކެވެ. ސީޒަން ބުނި ގޮތުގައި މި ފިލްމް އިއުލާން ކުރެވިގެންދާނީ ހާއްސަ ހަފުލާއެއްގައި ކަމަށެވެ. ސީޒަންގެ އުއްމީދަކީ މި ފިލްމަށް ސާކް ފިލްމް ފެސްޓިވަލްގައި ރަން މެޑަލެއް ލިބުމެވެ. މި ފިލްމް ވީހާވެސް ގިނަ ފެސްޓިވަލްތަކަށް ފޮނުވަން ސީޒަން ރާވާފައިވާއިރު ސީޒަން މި ފިލްމްގެ މަންޒަރުތައް ނަގަން ހަމަޖައްސާފައިވަނީ ރާއްޖޭގެ ރީތިކަން އޭގެ އިންތިހާއަށް ދައްކުވައިދޭ ގޮތަށެވެ..
އޭނާ އަދިވެސް އިސްކަން ދެނީ އެކްޓްކުރުމަށެވެ. ޑައިރެކްޓްކުރުމަކީ ސީޒަން އެހާ ޝައުގުވެރިވާ ކަމެއް ނޫންނަމަވެސް ޕްރޮޑިއުސް ކުރުމަކީ ސީޒަން ކުރާ ހިތުން ކުރާ ކަމެކެވެ.
"ފެނުޕާރީގެ ޝޫޓިންގައި ނުގެނބި ސަލާމަތްވީ ކިރިޔާ"
އަބަދުވެސް ބެލުންތެރިންނާ ހަމައަށް ތަފާތު އެއްޗެއް ގެނެސްދިނުމަށް މަސައްކަތް ކުރާ ސީޒަންއަށް ހަނދާނުން ފިލުވާލަން އެންމެ ދަތި ހާދިސާއަކީ "ފެނުޕަރީ"ގެ ޝޫޓިންގެ ތެރޭގައި ހިނގާދިޔަ ގެނބުމުގެ ހާދިސާއެވެ. ސީޒަން ބުނީ އެ ހާދިސާ ކިޔައިދޭން އުނދަގޫ ކަމަށާއި އެއީ ބިރުވެރި ހާދިސާއެއް ކަމަށެވެ.
މީގެއިތުރުން "ހަލާސް"ގެ ޝޫޓިން ލަންކާގެ ސަހަރާއެއްގައި ވަޅެއް ކޮނެގެން އެތަނަށް ލަންކާގެ ފުލުހުން އައި ހާދިސާ އަކީ ވެސް ހަނދާނުން ފިލުވާލަން ދަތި ހާދިސާއެއް ކަމަށް ސީޒަން ބުނެއެވެ.
"ގަޑިޖެހޭ ވާހަކަ ނުބުނެވޭނެ"
ސީޒަން އަކީ ގަޑިއަށް ފަރުވާތެރި ތަރިއެކެވެ. ސީޒަން ގަޑި ޖެހުނޭ އެއްވެސް ފަރާތަކަށް ނުބުނެވޭނެ ކަމަށް އޭނާ ބުނެއެވެ. މަސައްކަތަށް ފަރުވާ ކުޑަވެ މަސައްކަތެއް ސީޒަން ނިންމަ ނުދީނޭވެސް އެއްވެސް ފަރާތަކަށް ބުނެވެން ނޯންނާނެ ކަމަށް ސީޒަން ބުނެއެވެ. އަދި އޭނާ އަކީ ދިމާލަށް ބުނަންޖެހޭ އެއްޗެއް ބުނާ މީހެއް ކަމަށްވުމުން އެ ސަބަބަށްޓަކައި ދާއިރާގެ އެތައް ބަޔަކު އޭނާ ދެކެ ރުޅި އަންނަ ކަމަށެވެ.
އޭނާ އަކީ ވަރަށް "ސްޓްރައިޓް ފޯވާޑް" އަދި "ސްޓްރިކްޓް" މީހެކެވެ. ސީޒަން ފިލްމްތަކުގެ ޝޫޓިންތަކުގައިވެސް އޭނާ އެންމެ އިސްކަމެއްދެނީ ގަޑި އަށެވެ. އަދި އޭނާ މަސައްކަތް ކުރަނީ ވަރަށް ސިސްޓަމެޓިކް ކޮށް ކަމަށްވެސް ސީޒަން ބުނެއެވެ.
އެންމެ ބުރަކޮށް ސީޒަން ކުރާ މަސައްކަތަކީ ބެލުންތެރިންގެ މެދުގައި އޭނާގެ މަގުބޫލުކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެވެ. ސީޒަން ގަބޫލު ކުރާގޮތުގައި މަގުބޫލު ކަމަކީ ތިމާގެ މަސައްކަތުން ތިމާއަށް ލިބޭ އެއްޗެކެވެ. އަދި މަގުބޫލުކަން ގެއްލިއްޖެނަމަ އަލުން އެ މަގުބޫލުކަން ހޯދުމަށްވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ގަބޫލު ކުރެއެވެ. .
ސީޒަންގެ މަސައްކަތަށް ބަލައިގަންނަ ފަރާތްތަކެެއް ތިބިކަން އޭނަ ގަބޫލުކުރެއެވެ.
ސީޒަންގެ މި މަސައްކަތަށް އާއިލާއިން ވަރަށް ބޮޑު އެއްބާރުލުމެއްދެއެވެ. ސީޒަން ބުނާގޮތުން އޭނާގެ މަންމަ އާއި ބައްޕަ އޭނާގެ މަސައްކަތްތަށް ބަލައިގަނެ، އެ މަސައްކަތްތަކަށް ފަހުރުވެރިވާ ކަމަށެވެ. ސީޒަން ގަބޫލުކުރާ ގޮތުގައި ކާމިޔާބީތައް ހޯދުމަށް އާއިލާއިން ދޭ އެއްބާރުލުމަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ކުރާ މަސައްކަތާމެދު ފަހުރުވެރިވާ ބަޔަކު ތިބޭކަން އެނގުމުން ކުރެވޭ މަސައްކަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ސީޒަން ބުނެއެވެ.
ސީޒަން ބުނީ މި ހުރިހާ މަސައްކަތެއް ކުރެވެނީ އަނބިމީހާގެ ވަރަށް ބޮޑު ގުރުބާނީތަކެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ސީޒަން ވަނީ އަނބިމީހާގެ ދައުރު ފާހަގަކޮށް އަނބިމީހާ ދޭ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ. ސީޒަންގެ ދަރިފުޅަށް މިހާރު ވަނީ 8 އަހަރު ފުރިފައެވެ.
މީގެއިތުރުން ސީޒަން ކުރިއަށް ދިއުމުގެ އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ފަރާތްތަކަކީ ދެ ގޮތެއް ނުވާ ސަޕޯޓަރުން ކަމަށެވެ. މީހެއް ކުރިއަށް ދާނީ އެމީހެއްގެ އުފެއްދުންތައް ބަލައިގަންނާނެ ފަރާތްތަކެއް ތިބެގެން ކަމަށެވެ.
"މަސައްކަތްކުރާ ސްޓައިލް ބަދަލުކުރަންޖެހޭ"
މި ދާއިރާގައި ކުރިމަގެއް އެބަ އޮތް ކަން ސީޒަންވެސް ގަބޫލުކުރެއެވެ. ދާއިރާގައި މިހާރު ތިބި މީހުން މިއަށްވުރެ "މެޗްއާ"ވެ އަލަށް ދާއިރާއަށް ކިޔަވައިގެން ވަންނަ ކުދިން ދާއިރާ އެހެން ދިމާލަކަށް ގެންދަން ޖެހިފައިވާ ކަމަށް ސީޒަން ބުނެއެވެ.
ސީޒަން ބުނީ އަމިއްލަ އެދުން ކުޑަކޮށް، ވިޔަފާރިކުރާ ސްޓައިލް ބަދަލުކުރަންޖެހިފައިވާ ކަމަށެވެ. މަސައްކަތްކުރާ ފަރާތްތަކަށް މިހާރަށްވުރެ ބޮޑު އެއްޗެއް ދޭން ޖެހޭ ކަމަށާއި ފިލްމް ބަލަން އަންނަ ފަރާތްތަކާ ހަމައަށް ގެންނަން ވަނީ ފެންވަރު ރަނގަޅު އުފެއްދުންތައް ކަމަށް ސީޒަން ބުންޏެވެ. ސީޒަން ގަބޫލުކުރާ ގޮތުން ފިލްމެއްގެ ލީޑްކުޅޭ ފަރާތަށް 80،000 ވަރަކަށް ރުފިޔާ ލިބެންޖެހޭ ކަމަށާއި ސަޕޯޓިން ރޯލެއް އަދާކުރާ ތަރިއަކަށް 30،000 ރުފިޔާ ލިބެންޖެހޭ ކަމަށެވެ. އެ ރުފިޔާ އެމީހުންނަށް ދެވޭނީ ކޮން ގޮތަކަށް ބަލާ، އެގޮތްގޮތް ހެދުމުން ދާއިރާ ވަރަށް ކުރިއަށް ދާނެ ކަމަށް ސީޒަން ބުނެއެވެ.
ސިޔާސީ ގޮތުން ރަށް ހަލަބޮލިވުމުން ފިލްމް އިޝްތިހާރު ކުރުމަށް ވަރަށް އުނދަގޫވާ ކަމަށް ސީޒަން ބުނެއެވެ. އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް ސީޒަން ބުނެއެވެ. ސިޔާސީ ޕާޓީތަކަށް ބޮޑެތި ހަރަދުތަށް ޕާޓީ ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރަމުންދާއިރު ފިލްމީ ދާއިރާގެ ފަރާތްތަކަށް ޖެހެނީ އޭގެ މައްޗައް މަސައްކަތް ކުރުމަށް ކަމަށް ސީޒަން ބުނެއެވެ.
ސީޒަން ބުނީ ކުރިއާ އަޅާބަލާއިރު ސަރުކާރުން މިހާރު ފިލްމީ ދާއިރާއަށް ކަންކަން ކޮށްދޭ ކަމަށާއި ނަމަވެސް ސަރުކާރުތައް އަވަހަށް ބަދަލުވެގެން ގޮސް ސިޔާސީ ގިތުން ގައުމު ހަލަބޮލިވުމުން ދާއިރާއަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ.
މީގެއިތުރުން ފިލްމީ ދާއިރާއަށް ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިނޭސް ކުރުމަށް ދިމާވާ މައްސަލަތައް ކަމަށް ސީޒަން ބުންޏެވެ. ފިލްމް ބަލަން އަންނަ މީހާ ފުރިހަމަ ފިލްމެއް ބަލަން ބޭނުންވާއިރު އެކަން ކުރެވެން އަންނަނީ ބޮޑު ބަޖެޓެއްގައި ފިލްމްތައް ހެދިގެން ކަމަށް ސީޒަން ގަބޫލުކުރެއެވެ. ފިލްމީ މަސައްކަތްތަކަށް ސްޕޮންސާރ ދިނުމަށް ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިކުރާ ކުންފުނިތަކުންވެސް ދެކޮޅު ހަދާ ކަމަށް ސީޒަން ބުންޏެވެ. ސްޕޮންސާރ ދޭނެ ފަރާތްތެއް ނުވުމަކީވެސް ވަރަށް ބޮޑު އުނދަގުލެއް ކަމަށް ސީޒަން ބުނެއެވެ. ކުންފުނިތަކުން ފިލްމީ ދާއިރާއާ ދޭތެރޭ ޒާތީ ގޮތްތަކެއް ގެންގުޅޭ ކަމަށްވެސް ސީޒަން ބުންޏެވެ.
ފިލްމީ ދާއިރާގެ ފަންނާނުން ރާއްޖެއިން ބޭރަށް ގޮސް ވާދަކުރަނީ މި ދާއިރާގެ އެންމެ މޮޅެތި ފަރާތްތަކާ ކަމަށާއި އެ ފަރާތްތަކާ ވާދަކޮށްވެސް ވަނަތައް ހާސިލުކުރުމަކީ ކާމިޔާބީއެއް ކަމަށް ސީޒަން ދެކެއެވެ.
ސީޒަން އެންމެ ހިތާމަކުރާ ކަމަކީ ފިލްމް އެސޯސިއޭޝަނުގެ މަގު އޮޅިފައިވާތީއެވެ. އެސޯސިއޭޝަނުގެ އަސާސީ ގާނޫނު ބުނާގޮތާ ހިލާފަށް މިހާރު ބައެއް ކަންކަން ކުރެވެމުންދާ ކަމަށާއި އެ ސަބަބަށްޓަކައި އެސޯސިއޭޝަނާ ދުރުގަ އުޅޭ ކަމަށް ސީޒަން ބުންޏެވެ. ސީޒަން ބުނީ އެސޯސިއޭޝަނުގެ މަސައްކަތްތަކާ ދުރަށް ދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށާއި އެހެން ނޫނީ އެސޯސިއޭޝަނުގެ ބޯޑާ އެންމެ ކައިރީގައި ހުންނަނީ ސީޒަން ކަމަށް އޭނާ ބުންޏެވެ. ސީޒަން ބުނީ މިހާރު އެސޯސިއޭޝަން ކަންކަން ރަނގަޅުކޮށް ޗެއާޕާސަން އަބުދުލް ފައްތާހުގެ ވިސްނުން ބަދަލުކޮށް ހިންގަންޖެހޭ ރަނގަޅު މަގުން ހިންގައިފިނަމަ ވަރަށް އުފާވާނެ ކަމަށް ސީޒަން ބުންޏެވެ.
ސީޒަންގެ ސަޕޯޓަރުންނަށް އޭނަ ދިން މެސެޖަކީ ސީޒަން ޕްލޭންކުރާ ޕްރޮޖެކްޓަށް ބެލުންތެރިންގެ ސަޕޯޓް ބޭނުންވާ ކަމަށާއި ބެލުންތެރިންގެ ވަރަށް ބޮޑު ހިއްސާއެއް އޮންނާނެ ކަމެވެ.