web.archive.org

vnews -

ފަތިސްހަނދުވަރުގެ ފެށުމަކީ މަޝްހޫރު ވާހަކަ ލިއުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ އަތުން ތިރިސްހާސް ރުފިޔާ ދިނުމަށްފަހު ގަނެފައިވާ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އޮލިމްޕަހުގައި ފަތިސްހަނދުވަރުގެ ފެށުން އެޅުވީ ޑާކް ރެއިން އެންޓަޓެއިންމަންޓުން އެފިލްމް އުފައްދަން ފެށިތާ ދެއަހަރަށް ވުރެވެސް ގިނަ ދުވަސްވީ ފަހުންނެވެ.

މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކުރި މިފިލްމް އެޅުވުމާއި ހަމައަށް ގިނަ ބަޔަކު ފިލްމާއި ދޭތެރޭ ފޮނި އުއްމީދުތަކެއް ކުރިއެވެ. ފިލްމް ބަލާލުމަށް ދިގު އިންތިޒާރެއްވެސް ވަނީ ކޮށްފައެވެ.

އަޅުގަނޑުވެސް މިފިލްމް ބަލާލުމަށް ދިޔައީ ފޮނި އުއްމީދުތަކެއް ކޮށްގެންނެވެ. އެއީ ބިންމާ ލިޔެފައިވާ "ފަތިސްހަނދުވަރުގެ ފެށުން" އެވާހަކަ އަޅުގަނޑަށް ކިޔާލެވިފައިވާތީ އެވާހަކައިން އަޅުގަނޑަށް ކުރި އަސަރު މަންޒަރު ތަކެއްގެ ސިފައިގައި ފިލްމުން ފުރިހަމަ ގޮތަކަށް ދައްކުވައިދޭނެ ކަމުގެ ފޮނި އުއްމީދުގައެވެ.

އޮލިމްޕަހަށް ވަނުމުގެ ކުރިން ޓިކެޓް ކެނޑުމަށްޓަކައި ދޮރުވާނަށް ޓިކެޓް ދިއްކޮއްލުމުން ބަދަލުގައި އައިނެއް ދިއްކޮށްލިއެވެ. އަޅުގަނޑު ހައިރާނެއް ނުވެއެވެ.

ސަބަބަކީ ފިލްމް ބަލަން ދިޔައިރުވެސް އެފިލްމަކީ ތްރީޑީކޮށް ތައްޔާރުކޮށްފައިވާ ފިލްމެއްކަން އިނގޭތީއެވެ. އެފަދަ ފިލްމްތައް ބެލޭނީ ތްރީޑީ އައިނެއް ބޭނުންކޮށްގެން ކަމަށްވާތީ ފިލްމް ބަލާލުމުގެ ޝައުޤުވެރިކަން ހިތުގައި ވަކިން ބޮޑުވެގެން ދިޔައެވެ. އެއީ ތްރީޑީކޮށް އަދި ދުވަހަކުވެސް ފިލްމެއް ބަލާލެވިފައިނުވާތީއެވެ.

ފިލްމް ބެލުމަށްޓަކައި ގޮނޑީގައި ގޮސް އިށީދެލިތާ މާގިނައިރެއްނުވެ ފިލްމް ފެށިއްޖެއެވެ. އަންހެން ކުއްޖަކު ދުވާތަން ފެނެއެވެ. ފެށުނީވެސް ބިރުވެރި ގޮތަކަށެވެ. ވާނީވެސް އެހެންތާއެވެ. މިއީ ދިވެހިން ދެކެފައި ނުވާފަދަ މަންޒަރުތަކެއް ފެނިގެންދާނެ ބިރިވެރިކަމުން ފުރިގެންވާ ފިލްމެއް ކަމަށް ފިލްމް އުފެއްދި ޓީމުން ވަނީ ބުނެފައެވެ.

ފުރަތަމަ ސީންއަށްފަހު ދެން ފެނިގެންދަނީ އެކްޓަރ އަޙްމަދު ސައީދު ފިލްމްގެ ނަމުންނަމަ ޝަރީފް އައިސް ސައިކަލަކަށް އަރާ މަންޒަރެވެ. ނައްޓާލުމުގެ ކުރިން ޝަރީފުގެ ދުޝްމަނަކާ ބައްދަލުވެއެވެ. ދަރަންޏެއްގެ ދައުވާ އޭނާގެ މައްޗަށް ކުރަމުންދާ މީހެއްކަން އެދެމީހުންގެ ވާހަކައިން އެނގިގެންދެއެވެ. އެއަށްފަހު ދެން ފެނިގެންދަނީ މުޅި ފިލްމްގައި ސިހުރު ހަދާ މީހެއްގެ ގޮތުގައި ދައްކައިދޭ އަޙްމަދު ނިމާލް ގާތަށް ސިހުރު ހަދަން މީހުންދާ މަންޒަރެވެ.

މުޅި މިފިލްމް މިކަންތައްގަނޑުގެ ތެރޭގައި ނިންމާލާފައިވާއިރު މިފިލްމްގައި އުޅޭ ޖިނާ ނުވަތަ ޔޫސުފް ޝަފީއު (ޔޫއްޕެ) އަކީ ޖިންނިއެކެވެ. އަދި އޭނާގެ އަސްލު އަންހެނުންނަކީވެސް ޖިންނިއެކެވެ. ސިހުރުވެރިއެއްގެ ނުބައިކަމުން ޖިނާގެ އަންހެނުން މަރާލައެވެ. އެހިސާބުން އެކަމުގެ ބަދަލު ހިފަން ޖިނާ ދުނިޔެއަށް އާދެއެވެ. ބާރުގަދަ ޖިންނިއެއްގެ ގޮތުން ޖިނާ ދުނިޔެއަށް އަންނަ ތަނުން އޭނައާއި ބައްދަލުވަނީ ފާތިމަތި ފަރީލާ ފިލްމްގެ ނަމުންނަމަ ނިހާއެވެ.

ނިހާއަކީ މުޙައްމަދު ފައިސަލް ފިލްމްގެ ނަމުންނަމަ ސަލީމްގެ އޮފީހުގައި މަސައްކަތް ކުރާ ކުއްޖެކެވެ. ސަލީމްއަކީ އޮފީހުގެ ބޮސްއެވެ. ޖިނާއާއި ނިހާ ބައްދަލުވަނީ ނިހާ އާއި އަޅައިގެންފައި ހުންނަ ސަލީމް ނިހާ ކާމިޔާބު ކުރުމަށް ސިހުރު ހެދުމަށް ނިމާލް ގާތަށް ދިއުމުން ނިމާލް ޖިނާގެ އެހީއަށް އެދި ޖިނާ ނިހާ ކައިރިއަށް ފޮނުވުމުންނެވެ.

ޖިނާ އަކީ ނިމާލް ހަދާ ސިހުރުތައް ކާމިޔާބުކޮށްދިނުމަށް ނިމާލްއާއި ގުޅިގެން މަސައްކަތް ކުރާ ޖިންނިއެކެވެ. ޖިނާ އެކަން ކުރަނީ އޭނާގެ އަންހެނުން އެހެން ސިހުރުވެރިއެއްގެ ސިހުރުން މަރާލާފައިވާތީ ނިމާލުގެ އެހީގައި އެކަމުގެ ބަދަލު ހިފުމަށެވެ.

ކުރިން ބުނިގޮތަށް ނިމާލު ފޮނުވައިގެން ޖިނާ ނިހާ ކައިރިއަށް ދަނީ ސަލީމްއަށް ނިހާ ކާމިޔާބުކޮށްދިނުމަށްޓަކައި ނިމާލް ހަދާ ސިހުރު ހިފައިގެންނެވެ. ނަމަވެސް އެތަނުން ޖިނާއަށް ފެންނަ ނިހާ، ޖިނާގެ އަސްލު އަންހެނުންނާއި ވައްތަރު ވަނީއެވެ. މިފިލްމުގައި މިގޮތަށް ފެންނަ ހާދިސާ ތަކަކަށްފަހު ނިހާވެސް މަރުވަނީއެވެ.

މިފިލްމްގައި ދައްކުވައިދޭ ހާދިސާތައް ވަރަށް ބޮޑަށް ކުރުގަޅުވާލައިގެން ގެނެސްދީފައިވާތީ ބިންމާގެ ލޯބީގެ ބިރުވެރި މިރީތި ވާހަކަ ފިލްމެއްގެ ސިފައިގައި ރީތިކޮށް ގެނެސްދެވިފައެއް ނުވެއެވެ.

އަޅުގަނޑު މިގޮތަށް ލިޔަން މިޖެހެނީ މިވާހަކަ ކިޔުމަށްފަހު ފިލްމަށް ގޮސް ފިލްމުން ފެނިގެންދިޔަ މަންޒަރުތަކުންނެވެ. އެއްޗަކަށް އެއްޗެއް ލިޔެލާ އުސޫލުންނެއް ނޫނެވެ. އަޅުގަނޑުގެ ހިޔާލާއި މިފިލްމްގެ ވާހަކަލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ހިޔާލާއިވެސް އެއްގޮތްވުމުން އަޅުގަނޑަށް "ފަތިސްހަނދުވަރުގެ ފެށުން" ފިލްމްގެ ދިރާސާ ލިޔެވިފައި މިވަނީ ރަގަޅަށް ކަމަށް ޤަބޫލުކުރެވެއެވެ.

އެކަމަކު އެއްކަމެއް އެބައޮތެވެ. މިފިލްމް އެޑިޓްކޮށްފައިވާ ގޮތާއި ފިލްމަށް ހާއްސަކޮށް ހަދާފައިވާ ސުޕެޝަލް އިފެކްޓް ތަކާއި ދޭތެރެ އަޅުގަނޑުގެ މާގިނަ ޝަކުވާއެއް ނެތެވެ، ޓެކްނިކަލް ގޮތުން އެމަސައްކަތަކީ ދިވެހިންގެ ބަޔަކު ކޮށްފައިވާ ވަރަށް ތަފާތު ހުނަރުވެރި މަސައްކަތެއްކެވެ. އެމަސައްކަތަށް ސާބަސް ދެމެވެ.

ފަތިސްހަނދުވަރުގެ ފެށުން ފިލްމެއްގެ ގޮތުގައި ބަލާލަން އެންމެ ހިތްގައިމު ފިލްމަކަށް ނުވިޔަސް މިފިލްމަކީ ތްރީޑީކޮށް ފިލްމް ބަލާލާ އެކަން ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ލިބުނު ރަގަޅު ފުރުސަތެކެވެ. ނަމަވެސް ބިރުވެރި ރީތި ފިލްމެއް ބަލަން އުއްމީދުކޮށްގެން އޮލިމްޕަހަށް ދިޔަ މީހުންނަށް މިފިލްމް ކަމަކު ނުދާނެއެވެ. އަދި ވާހަކަ ކިޔުމަށްފަހު ފިލްމް ބަލާ މީހަކަށް ފަތިސްހަނދުވަރުގެ ފެށުން އެއްގޮަތަކަށްވެސް ކަމަކު ނުދާނެއެވެ. އަޅުގަނޑަށް މިވީ އެހެނެވެ.