web.archive.org

އަށް އެވޯޑާ އެކު "ޒުލޭހާ" އެންމެ މޮޅު ފިލްމުގެ މަގާމު ހޯދައިފި

  • ️@archivemv
  • ️Sat Jun 30 2007

އަށް އެވޯޑާ އެކު "ޒުލޭހާ" އެންމެ މޮޅު ފިލްމުގެ މަގާމު ހޯދައިފި

މިއަދު ނޫހުގެ "މިއަދު ކްރިސްޓަލް އެވޯޑް"ގައި އަށް އެވޯޑާ އެކު އެންމެ މޮޅު ފިލްމުގެ މަގާމު "ޒުލޭހާ" ހޯދައިފި އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެވޯޑު ހަފްލާގައި މާޕާގެ "ޒުލާހާ" ވަނީ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޝަން (ފާތުމަތު ނަހުލާ)، އެންމެ މޮޅު ވާހަކަ (ފާތުމަތު ނަހުލާ) ވެސް ހޯދައިފަ އެވެ. ހަމަ މިއާ އެކު ހަމަ މި ފިލްމުގައި ބަތޮލުގެ ބައި ކުޅެފައިވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް އެންމެ މޮޅު އެކްޓަރު ކަމާއި ސަޕޯޓިން އެކްޓަރުގެ މަގާމު މުހައްމަދު މަނިކާއި ޗައިލްޑް އާޓިސްޓަކަށް ނަހުލާގެ ދަރިފުޅު ފާތުމަތު އީނާޒް ވަނީ ހޮވައިފަ އެވެ. މީގެ އިތުރުން މޮޅު މޭކަޕް އަދި ސިނެމޮޓަގްރަފީ އަށް ވެސް ހޮވިފައި ވަނީ "ޒުލޭހާ" އެވެ.
މި އެވޯޑުގައި ހަތަރު ފިލްމަކުން ބެސްޓް އެކްޓްރެސް ކަމަށް ނޮމިނޭޓްވެ، އެންމެ މޮޅު ބަތަލާއަކަށް ހޮވާފައި ވަނީ "ކަލާޔާނުލާ" އިން ނިއުމާ މުހައްމަދެވެ. މިއީ އޭނާ މި ދާއިރާގައި ހޭދަކުރި 11 އަހަރުގެ ތެރޭގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނު ފުރަތަމަފަހަރެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކަށް ހޮވާފައިވަނީ "ކަލާޔާނުލާ" އިން އައިޝަތު ޝިރާނީ އެވެ.
ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވި އާ މޫނުތަކުގެ ތެރެއިން ބެސްޓް ނިއުކަމާ އަކަށް ހޮވިފައި ވަނީ "ވާލޯބި އެނގޭނަމަ" އިން މަރިޔަމް އަފީފާ އާއި "ހުރީމޭ އިންތިޒާރުގައި" އިން ރަވީ ފާރޫގެވެ.
މި އެވޯޑުގައި ޖަޖުން ހޮވާ ވަނަތަކުގެ ތެރެއިން އެންމެ މޮޅު ޑައިރެކްޓަރަކަށް "ހުރީމޭ އިންތިޒާރުގައި" އިން އަބްދުލް ފައްތާހު، އަދި އެންމެ މޮޅު ސްކްރީން އެވޯޑަށް "އަރާމަގު ދޮންކަމަނަ"، އަދި އެންމެ މޮޅު ފިލްމުގެ ގޮތުގައި "ހޭލާ" ވަނީ ހޮވައިފަ އެވެ. އެންމެ މޮޅު ނުބައިބައި އާޓިސްޓަކަށް ހޮވާފައި ވަނީ "ހޭލާ" އިން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ.
ފިލްމުތަކުން އެންމެ މޮޅު ކްރިއޮގްރަފީ އަށް ހޮވާފައި ވަނީ "ހިޔަނި"، ވިޝުއަލް އިފެކްޓްސް އަށް "ގިނިހިލަ"، ސައުންޑް އިފެކްޓްސް އަށް "އަރާމަގު ދޮންކަމަނަ"، ބެކްގްރައުންޑް މިއުޒިކް އަދި އެޑިޓާ އަކަށް "އޭނާ" އެވެ.
ޓިވީން ދައްކަމުން އަންނަ ޑްރާމާ ސީރީސްތަކުގެ ތެރެއިން ބެލުންތެރިން ވޯޓު ދީގެން އާރިފާ އިބްރާހިމް ތައްޔާރުކުރަމުން އަންނަ "ވައިރޯޅި އަށް ވެސް ސިއްރުން" ވަނީ އެންމެ މޮޅު ޑްރާމާގެ ގޮތުގައި ހޮވައިފަ އެވެ.
"މިއަދު"ގެ ކިޔުންތެރިންނަށް ހުޅުވާލައިގެން ޖަޖްކުރި ކެޓަގަރީއެއް ކަމަށްވާ ލަވަ ކިޔުންތެރިންގެ ބައިން އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ އަށް ފާތުމަތު ޒޫނާ އަދި އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ އަށް ހޮވާފައި ވަނީ އަބްދުލް ބާރީ އެވެ.
އެންމެ މޮޅު އޯޑިޔޯ އަލްބަމަކަށް "ކިސްތީ"، ވީޑިޔޯ ލަވައަކަށް "ހިތްދީވާނާ"ގެ ފަތިސްދަން، ވީޑިޔޯ އަލްބަމަކަށް "ހިތްދީވާނާ 3" ވަނީ ހޮވައިފަ އެވެ. މީގެ އިތުރުން އެންމެ މޮޅު އަމިއްލަ ރާގަކީ އިބްރާހީމް ނިފާރުގެ "ވާލޯބިއެނގޭނަމަ" އެވެ.
ޓީވީން ލައިވްކޮށް ދެއްކި މި ހަފްލާގައި ފިލްމީ ގިނަ ފަންނާނުން ބައިވެރިވި އެވެ. މީގެ އިތުރުން މި ހަފްލާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިފަދަ ހަފްލާއެއް ބޭއްވުމަކީ މި ދާއިރާ އަށް ހުޅުވިގެން ދިޔަ އާ ދޮރެއް ކަމަށް ވެސް މި ހަފްލާގައި ބައިވެރިވި ގިނަ ފަންނާނުން ބުންޏެވެ.
މި އެވޯޑަށް ފަހު ނަހުލާ ބުނީ "މިއަދު ކްރިސްޓަލް އެވޯޑު"ގައި އޭނާ އަށް ވުރެ ކާމިޔާބު އަދި ކުޅަދާނަ ޑައިރެކްޓަރުންގެ ފިލްމުތައް ބައިވެރިކޮށްފައި ހުރުމުން އޭނާ އެހާ ގިނަ އެވޯޑު ލިބޭނެ ކަމަކަށް އުއްމީދު ނުކުރާ ކަމަށެވެ. ނަމަވެސް ނަހުލާ ބުނީ، އޭނާގެ ފިލްމަށް އެވޯޑު ލިބުނު ކެޓަގަރީތަކާއި އަދި އެވޯޑަށް ޖަޖްކޮށްފައި ހުރި ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
ފިލްމު ޒުލޭހާ އިން އެންމެ މޮޅު ބަތަލުގެ މަގާމް ހޯދާފައިވާ ޔޫއްޕެ ބުނީ އެ ފިލްމުން އޭނާ އަށް އަދި އެ ފިލްމަށް ލިބުނު ކާމިޔާބީ އަކީ އެ ފިލްމަށްޓަކައި ކޮށްފައިވާ ބުރަ މަސައްކަތް ކަމަށެވެ.
* މި ހަބަރާ ގުޅޭ އިތުރު ފޮޓޯ އޮންލައިންގެ "ފޮޓޯ އިން ހަބަރު" ސެކްޝަނުން ފެނިވަޑައިގަންވާނެއެވެ.

އަރުޝީފަށް ނެގީ 22/03/2017 13:28
އެންމެފަހުން އަޕްޑޭޓްކުރީ 22/03/2017 13:28