web.archive.org

SAAYAA ge review; Mi fahun fenunu emme molhu ufehdhun, balaalan jehey sababuthah gina

  • ️@minoosmv

ކާމިޔާބު ފިލްމު ޕްރޮޑިއުސަރު، އިސްމާއީލް ޝަފީގުގެ އާ ފިލްމު "ސާޔާ" ރޭ ވަނީ އޮލިމްޕަހު ގައި ޕްރިމިއާކޮށް ފުރަތަމަ ޝޯ ހައުސް ފުލުކޮށް ދައްކާފަ އެވެ. ދިވެހި ފިލްމީ ތާރީހު ދުށް އެންމެ ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ހިމެނޭ / މިހާރު ވެސް އެ އެކްޓަރެއްގެ ވިދުމަށް ފަނޑުކަމެއް އައިސްފައިވާ ނުވާ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ އަދި ޝަފީގާ އެކު މަސައްކަތް ކުރަން ފެށި ފަހުން މިވީ 15 އަހަރުގެ ތެރޭގައި ކޮށްފައިވާ އެންމެ ބުރަ މަސައްކަތެވެ. އެންމެ ތަފާތު މަސައްކަތް ވެސް މެ އެވެ. ފަހަރުގައި މިއީ ޔޫއްޕެގެ ފިލްމީ ހަޔާތުގައި މި ހޭދަވި 25 އަހަރު، އަދި ޑައިރެކްޝަން ގައި ހޭދަވި 20 އަހަރުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަށް ވެސް ވެދާނެ އެވެ. ހަމަ ގައިމު ވެސް، ވަރަށް ގިނަ ކުރު ފިލްމުތަކާއި ފީޗާ ފިލްމުތައް އަދި ބައެއް ވެބް ސީރީސްތައް ވެސް ޑައިރެކްޓަރު ކޮށްފައިވާ ޔޫއްޕެ އަށް "ސާޔާ" އަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ފިލްމެކެވެ.

މިއީ މިހާތަނަށް ޔޫއްޕެ އަދި ލިޔެފައި ނުވާފަދަ ސްކްރީންޕްލޭ އަކަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. ދިވެހި ސިނަމާތަކަށް ވެސް މިއީ އާ ބާވަތެއްގެ ވާހަކަ އެކެވެ. ލޯބްތާއި ރުޅިވެރިކަމާއި ނަފްރަތާއި ބިރުވެރިކަމާއި ނަމާންކަމާއި ހިތާމައާ ހިތްދަތިކަމުގެ އިހުސާސު ކުރުވާނެ ފިލްމެކެވެ. މުޅި ފިލްމު ޝޫޓްކޮށްފައި ވަނީ އައުޓް ޑޯ ގަ އެވެ. ހާއްސަކޮށް ވަލުތެރޭގަ އެވެ. ބޯ ގަސްތަކުގެ ތެރޭގައި ގިނަ މަންޒަރުތައް ނަގާފައި ވަނީ ވެސް ރޭގަނޑުގެ ކަނު އަނދިރީގެ ތެރޭގަ އެވެ.

މޫސުން ގޯސްވެ ޝޫޓިން ކުރިއަށް ނުގެންދެވި ތިން ފަހަރެއްގެ މަތީން ރ. މާކުރަތަށް ގޮސް ފިލްމުގެ މަންޒަރުތައް ނަގަން ޖެހުނެވެ. އެ ނޫން ވެސް ވަރަށް ގިނަ ގޮންޖެހުންތަކާ އެކު ފިލްމުގެ މަސައްކަތް ޔޫއްޕެ ނިންމާލީ އޭނާ ބޭނުންވި ފެންވަރަށެވެ.

"ސާޔާ" އަކީ އޮލިމްޕަހުގައި މިހާތަނަށް އެޅުވި އެންމެ މޮޅު އުފެއްދުމޭ ބުނުމުގެ ޖާގަ ވެސް އެބަ އޮތެވެ. ވަރަށް ގިނަ ސަބަބުތައް ހުރުމާ އެކު މިއީ ކޮންމެ މީހަކު ވެސް ބަލާލަން ރަނގަޅު ފިލްމެއް ކަމުގައި ބުނާން ޖެހެ އެވެ.

ރީތި ކުލަތަކާއެކު ހިތްގައިމު މަންޒަރުތަކެއް

"ސާޔާ" ޝޫޓްކޮށްފައި ވަނީ މާކުރަތުގެ ވަލުތެރޭގަ އެވެ. ތަރުތީބުން ރީތި ގަސްތަކެއް ހެދިފައިވާ އެ ރަށު ވަލުތެރޭގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ޖެހުމަކީ ކުރިމަތިވާނެ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ އެވެ. ނަމަވެސް އެ ޗެލެންޖު ނަގާ ފިލްމު ބެލުންތެރީންނާއި ހަމައަށް ގެނެސްދީފައި ވަނީ ވަރަށް ފުރިހަމައަށެވެ.

ފިލްމު ބަލައިލާން ދާން ޖެހޭ ފުރަތަމަ ސަބަބަކަށް ފާހަގަ ކުރާނީ ހުށައަޅައި ގެނެސް ދީފައިވާ ގޮތުގެ ފުރިހަމަ ކަމެކެވެ. މިއީ ކެމެރާންމަން މާސްކޭގެ އާދަޔާ ހިލާފު މޮޅު މަސައްކަތެކޭ ބުނަން ޖެހެ އެވެ. ޔަގީނުން ވެސް މިހާތަނަށް އޭނާއަށް ކުރެވުނު އެންމެ ފެންވަރު ރަނގަޅު މަަސައްކަތަށް ވާނެ އެވެ.

ފިލްމުގެ ހުރިހާ މަންޒަރެއްހެން ވަރަށް ފުރިހަމަ އެވެ. ބިޔަ ވަލުގެ އެކި ސަރަހައްދުތައް ރީތިކޮށް ދައްކައިލާން / މަންޒަރުތައް ފުރިހަމައަށް ސިފަކޮށް ގެނެސްދޭން ކޮށްފައި ވަނީ ތައުރީފު ހައްގު މަސައްކަތެވެ. ކޮންމެ މަންޒަރަކަށް ލައިޓް ހަދާފައި ވަނީ އެ ވަގުތެއް ސިފަކޮށްދެވޭނެ ގޮތަށެވެ. ރޭގަނޑުގެ ކަނު އަނދިރީގެ ތެރޭގައި ގިނަ މަންޒަރުތައް ނަގާފައި ވަނީ އެކަން އިހުސާސު ކުރެވޭނެ ފަދަ ގޮތަކަށެވެ. އެހާވެސް ފުރިހަމަ ވެފައި ރީއްޗެވެ.

ސާޔާގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރު، ރެޑްކާޕްޓް އިވެންޓް ގައި: ޝަފީގުގެ ފުރަތަަމަ ބިރުވެރި ފިލްމު ވަރަށް ފުރިހަމަ

ދެން އޮތީ މަންޒަރުތަކުގެ ސާދާ ކަމާއި އޮމާން ކަމެވެ. ބައެއް މަންޒަރުތައް އާދަޔާ ހިލާފަށް މޮޅޭ / ފުރިހަމަ އޭ ބުނާން ޖެހެ އެވެ. ހާއްސަކޮށް ބިރުވެރި ހާދިސާތައް ދައްކުވައިދޭ މަންޒަރުތަކެވެ.

އެއިން ކޮންމެ މަންޒަރަކަށް އިތުރު ފުރިހަމަކަން ގެނެސް ދެނީ ހިތްގައިމު ކުލަތަކާއި އެ ހާލަތާއި ގުޅޭ ރީތި އަލިކަމުންނެވެ.

ބެކްމިއުޒިކު: ހީވަނީ މަންޒަރުތެރޭ އުޅެެވޭހެން

ފިލްމުގެ ހުރިހާ މަންޒަރެއްހެން އައުޑްޓޯ ގައި ދައްކައިދޭތީ ޔޫއްޕެ އިހްތިޔާރު ކުރީ ފިލްމުގެ ބެކްމިއުޒަަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަށެވެ. ބޭނުމަކީ މަންޒަރުތެރޭ ބެލުންތެރީން ގެންގުޅުމެވެ. ހާދިސާތަކުގެ ހަގީގީ އިހުސާސް ކޮށް ދިނުމެވެ.

އައްޔުމަން ޝަރީފު، އެ މަސައްކަތް ކޮށްފައި ވަނީ ވަރަށް ފުރިހަމައަށޭ ބުނަން ޖެހެ އެވެ.

އާންމުކޮށް ދިވެހި ފިލްމުތަކުގައި ބެކްމިއުޒަކަށް ބޭނުންކޮށްފައި ހުންނަނީ ކޮންމެވެސް ރާގުތަކެކެވެ. ނަމަވެސް "ސާޔާ" ތަފާތެވެ. މި ފިލްމު ފެށިގެން ނިމުމާ ހަމައަށް ވެސް އެންމެ ހާއްސަ ކަމަކަށް ފާހަގަ ކުރެވުނީ ގުދުރަތީ އަޑުތައް ބޭނުންކޮށްފައި ހުރުމެވެ. އެކަން އެގޮތަށް ކުުރުމުގެ ސަބަބުން ބެލުންތެރީންނަށް ތިބެނީ ވަރަށް ބޮޑަށް މަންޒަރުގެ ތެރެއަށް ވަދެވިފަ އެވެ.

އެކަން ރޭގެ ޝޯ އިން ވަރަށް ބޮޑަށް ފާހަގަވި އެވެ. ހާއްސަކޮށް ބިރުވެރި ކޮންމެ މަންޒަަރަކުންނެވެ. އެފަދަ ކޮންމެ މަންޒަރަކާ އެކު މުޅި އޯޑިއަންސް އެކަށް ބިރުން ހަޅޭލަވައިގަނެ އެވެ.

ސާޔާގެ އޮފިޝަލް ޕޯސްޓަރެއް: މިއީ ވަރަށް މޮޅު އުފެއްދުމެއްް

ތަފާތު ވާހަކައެއް، ޝައުގުވެރި ގިނަ ހާދިސާތަކެއް

މިއީ ވެސް "ސާޔާ" ގެ ތަފާތެވެ. ފިލްމުގައި ހުށައަޅައިދޭ ވާހަކަ އަކީ ދިވެހި ސިނަމާއަށް އައު ވާހަކަ އެކެވެ. ފިލްމު ގައި ދައްކުވައި ދެނީ ޒުވާން ދެމަފިރިއެއްގެ ކައިވެންޏަށް ފަހު ހަނީމޫނަށް ފަޅު ރަށަކަށް ކުރާ ދަތުރެއްގަައި ދިމާވާ ކަންތައްތަކެވެ. ދެ މީހުންގެ މެދަށް އިތުރު މީހަކު ވަނުމުން ޖެހޭ މައްސަލަ އެވެ. އެހިސާބުން ހަގީގީ ލޯބިވެރިޔާ ބަދަލުވެ އެވެ.

އެއީ އޭގެ ކުރީން ބިރުވެރި އެހެން ހާދިސާއެއް ހިނގާފައިވާ ރަށެކެވެ. ޖިންސީ މުޑުދާރު އަމަލެއް ހިންގުމުގެ ތެރޭގައި އަންހެން ކުއްޖަކު މަރުވަނީ އެވެ. އެ ކުއްޖާގެ ސިފަ ޖެހިގެން އެ ރަށުގައި ދެން ރަސްކަން ކުރަނީ ޖިންނި އެކެވެ. ބިރުވެރި ހާދިސާތަކުން ފެށުން އަންނަނީ އެ ވާހަކަ އިންނެވެ.

ޝައްކާއި ވަހުމުގެ ތެރޭން އެއް ބަޔަކު އަނެއް ބައެއްގެ މެދުގައި މާރާމާރީ ހިންގާ ހާލަތަށް ކަންކަން ދެ އެވެ. އެފަދަ ކޮންމެ މަންޒަރެއް ގެނެސް ދީފައި ވަނީ މިހާތަނަށް ދިވެހި ފިލްމެއްގައި އެފަދަ މަންޒަރުތައް ގެނެސްދީފައި ނުވާފަދަ ފުރިހަމަ ގޮތަކަށެވެ.

ޖިންނީގެ ބޭނުމަކީ އެ މީހުންްގެ މެދުގައި ޝައްކު އުފައްދާ އަދާވަތްތެރިކަން އުފެއްދުމެވެ. އެކަން އޭނާ ކާމިޔާބު ކުރެ އެވެ.

ފިލްމު ނިމިގެން ދަނީ އެފަދަ ކިތަންމެ ހާދިސާއެއް ހިނގުމަށް ފަހު އެވެ. ފިލްމު ޝައުގުވެރި ވުމުގައި މިއީ ވަރަށް ބޮޑަށް ފާހަގަ ކޮށްލެވުނު ކަމެވެ. އެއް ކަމެއް އަނެއްކަމާއި ގުޅެނީ ތަފާތު ހާދިސާތަކުންނެވެ. އެ ހާދިސާތައް ޔޫއްޕެ ގެނެސްދީފައި ވަރަށް ޝައުގުވެރި ކުރުވާ ގޮތަކަށެވެ.

އެކްޓިންއަށް ސަތޭކަ

ފިލްމުގައި ހިމެނެނީ މައިގަނޑު ހަތަރު ކެރެކްޓާ އެކެވެ. އެއީ އާޝާއާ ޖިމީ އަދި ޔޫއްޕެއާ ޝާހިދާ ކުޅެފައިވާ ރޯލުތަކެވެ. މި ތަރީންގެ ތެރެއިން ޔޫއްޕެއާ ޖިމީ އަކީ ދިވެހި ސިނަމާ ގައި ތިބި އެންމެ ހުނަރުވެރި އެކްޓަރުން ކަމުން އެ މީހުންގެ ރޯލާ މެދު ބެލުންތެރީންގެ ހިތުގައި މާބޮޑު ސުވާލެއް ނޯންނާނެ އެކެވެ.

މި ފިލްމުގައި ވެސް އެ ދެ ތަރީންގެ އެކްޓިން ވަރަށް ރަނގަޅެވެ. ހާއްސަކޮށް ދެ މީހުންގެ މެދުގައި ހިޔާލުތަފާތުވާ ވަގުތަކުގަ އެވެ. ތަޅާފޮޅުމުގެ ސީންތަކުގަ އެވެ.

މިއީ ޔޫއްޕެއާ އެކު އާޝާގެ ފުރަތަމަ ފިލްމެކެވެ. މިފަދަ ތަފާތު ފިލްމަކުން / ބޮޑު ރޯލަކުން އާޝާ ފެންނަ ފުރަތަމަ ފިލްމެކެވެ. އެކަމަކު އާޝާގެ އެކްޓިން ފެނުނީ އެންމެ ކުޅަދާނަ އެކްޓްރެސް އިންނާ ވާދަކޮށްލެވޭނެ ފަދައަކުންނެވެ. ކޮންމެ މަންޒަރެއް ގައި ވެސް އޭނާގެ ހުނަރުވެރިކަން ފެނެ އެވެ. ބިރުވެރި މަންޒަރުތަކާއި ހިތާމައިގެ މަންޒަރުތަކުގަ އެވެ. ރުޅިގަދަވެ ޒުވާބު ކުރާ މަންޒަރުތަކާއި އެކްޝަން މަންޒަރުތަކުގައި ވެސް އާޝާގެ ކުޅަދާނަކަން ފެނުނެވެ.

ސާޔާގެ އޮފިޝަލް ޕޯސްޓަރެއް: މިއީ ވަރަށް މޮޅު އުފެއްދުމެއްް

އެންމެ ތަފާތު ރޯލަކުން ފެނުނީ ޝާހިދާ އެވެ. އޭނާ އަކީ ޝަފީގާއި ޔޫއްޕެގެ "ޖޯކަރު" ން ތައާރަފު ވި އެކްޓްރެސް އެކެވެ.

ފިލްމުގައި އެންމެ މުހިންމު ރޯލު ކުޅެން ޖެހުނު އެކަކީ އޭނާ އެވެ. އޭނާގެ ޑައިލޮގް ޑެލިވަރީގެ ފުރިހަމަ ކަމާއި މޫނުމަތީގެ ހަރަކާތްތަކުން ބުނެދިނީ އެ ރޯލަށް އެންމެ ފިޓް މީހަކީ އޭނާ ކަމެވެ.

ފިލްމުގައި ދެން ހަރަކާތްތެރިވާ އަހްމަދު ނިމާލް އާއި ބްރޯ ރަޝީދު އަދި މުހައްމަދު މަނިކާއި އެހެން ތަރީންގެ ރޯލު ކިތަންމެ ކުޑަ ނަމަވެސް އެއީ ފިލްމަށް މުހިންމު ރޯލުތަކެވެ. އެއިން ކޮންމެ މަންޒަރަކަށް ވެސް ޔޫއްޕެ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެ އެވެ.

ނިންމުން ތަފާތު، ދެކަފި ހިޔާލުތަކެއް

ފިލްމު ނިމިގެން ދަނީ ހީކުރެވުނު ގޮތާއި ހިލާފަށެވެ. އެއީ ބައެއް މީހުންނަށް މި ރީތި ފިލްމުގައި ހިމެނޭ ހަމަ އެކަނި "އުނި" ކަން ކަމުގައިވި އެވެ. ނަމަވެސް އެއީ ވެސް ވެދާނެ ގޮތެެކެވެ. ކޮންމެ މީހަކު ހިތަށް އަރާހާ ހުރިހާ ސުވާލެއްގެ ޖަވާބު އެއްވެސް ފިލްމަކުން ނުލިބޭނެ އެވެ. އަދި ހީކުރެވޭހާ ގޮތަކަށް ފިލްމު ނިމިގެން ވެސް ނުދާނެ އެވެ.

ނަމަވެސް ބައެއް ބެލުންތެރީން ފާހަގަކުރި ކަންކަން ފުރިހަމަވީނަމަ "ސާޔާ" ވެގެން ދާނީ ސުވާލެއް ވެސް ނެތްހާ ފުރިހަމަ ފިލްމަކަށެވެ. ބައެެއް މީހުންގެ ނަޒަރުގައި ފިލްމު ނިމުމުގެ ކުރީން ކުރުގޮތަކަށް ނަމަވެސް ބައެއް ކަންކަން ސާފުކޮށް ދޭން ޖެހެ އެވެ. އަޅުގަނޑަށް ވެސް އެބަސްވެވެނީ އެގޮތަށެވެ. ކުރުގޮތަކަށް ނަމަވެސް ބައެއް މަންޒަރުތައް އަޑާއެކު ހިމަނާލާ ބައެއް ކަންކަން ވީގޮތް ބުނެލިނަމަ އިތުރަށް ފުރިހަމަވީސް އެވެ.

ސާޔާގެ އޮފިޝަލް ޕޯސްޓަރެއް: މިއީ ވަރަށް މޮޅު އުފެއްދުމެއްް

ފިލްމުގައި ހިމެނެނީ ތޭރައާ އަޝްފާގެ އަޑުން ކިޔާފައިވާ ވަރަށް ރީތި އެންމެ ލަވަ އެކެވެ. އެ ލަވަ އަކީ އަމިއްލަ ރާގުގެ ލަވަ އެކެވެ. ފުރަތަމަ އަޑުއަހާލުމުން ވެސް ޝައުގުވެރިކަން ދަމައިގަނެ އެވެ.

މި ހުރިހާ ސަބަބުތަކަކާ އެކު "ސާޔާ" އަކީ ދިވެހި ސިނަމާއަށް އައި ވަރަށް މޮޅު އުފެއްދުމެކޭ ބުނަން ޖެހެ އެވެ. ބައެއް މީހުންގެ ނަޒަރުގައި އެންމެ ރީތި ފިލްމޭ ވެސް ބުނާނެ އެވެ. ހަގީގަތުގައި ވެސް މަންޒަރުތަކާއި ހުށައެޅުން މިހާ ފުރިހަމަ ފިލްމެއް ނެތޭ ބުނެވިދާނެ އެވެ.

"ސާޔާ" މި މަހުގެ 24 ވަނަ ދުވަހުގެ ރެއާ ހަމައަށް އޮލިމްޕަހު ގައި ދައްކާނެ އެވެ. ޓިކެޓެއް ނަގައިގެން ފިލްމު ބަލާލަން ވަރަށް ރަނގަޅުވާނެ އެވެ.